
Maumoon Abdul Gayyoom
ޓެލެވިޒަން މޯލްޑިވްސްއިން ކުރިއަށް ގެންދާ, ‘ސިޔާސަތު’ ޕްރޮގްރާމަށް އެރުއްވުމަށް, ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ޒައީމް މައުމޫނު އަބުދުލް ގައްޔޫމަށް ތިންވަނަ ފަހަރަށް ފުރުސަތު އަރުވާފައިވާކަމަށް ޓީވީ މޯލްޑިވްސްއިން ބުނެފި އެވެ. ޓީވީ މޯލްޑiވްސްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނަރަލް މުހަންމަދު އާސިފ(މޮންދު) ވިދާޅުވީ ތިން ފަހަރެއްގެ މަތިން ޑީއާރްޕީގެ ޒައީމަށް ދައުވަތު އަރުވާފައި ވާކަމަށާއި ނަމަވެސް ސަބަބުތަކަކާހުރެ އެމަނިކުފާނު އުޒުރުވެރި ވަޑައިގަންނަވާ ކަމަށެވެ.
” ތިން ފަހަރެއްގެ މަތިން އަޅުގަނޑުމެން މަސައްކަތް ކޮށްފިން. ނަމަވެސް އެމަނިކުފާނަށް ވަގުތު ދެއްވޭ ގޮތެއްނުވޭ. ޖަވާބު ފޮނުވަނީ މީޑިއާ އޮފީހުން. އެންމެ ފުރަތަމަ ފޮނުވި ދައުވަތުގެ ޖަވާބުގައި ބުނެފައިވަނީ ދީފައިވާ މުއްދަތު ކުޑަކަމަށް. ދެވަނަ އަށް ފޮނުވި ދައުވަތުގައި ބުނެފައިވަނީ ވަގުތުގެ ތާށިކަން އުޅޭކަމަށް. އަދި މިހާތަނަށް އެޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ވިދާޅުވެ ޖަވާބެއް ދެއްވާފައެއް ނުވޭ. މިހާރުވެސްވީ ދައުވަތު ފޮނުވާފައި.“ މޮންދު ވިދާޅުވި އެވެ.
މޮންދު ވިދާޅުވީ ހުރިހާ ކެންޑިޑޭޓުންނަށް އެފުރުސަތު އަރުވަން ބޭނުންފުޅުވާކަމަށާއި އަދި ވަރަށް ގިނަބަޔަކު އެޕްރޮގްރާމަށް އިންތިޒާރު ކުރަމުން ގެންދާ ކަމަށެވެ.
” މިހާރު އެނގިފައިވާ ގޮތުން އަންނަ މަހު 4 ގައި އިންތިޚާބު ބޭއްވޭނެ. އަދި ތިން ކެންޑިޑޭޓުން އެބަތިއްބެވި ޕްރޮގްރާމްގައި ބައިވެރިވެ ވަޑައި ނުގަންނަވާ. ދެން އޮތީވެސް ތިން ހަފްތާ. އެއްވެސް ހަފްތާއެއް ގެއްލިއްޖެނަމަ އެކަމެއް ނުވާނެ. އަޅުގަނޑުމެން ބޭނުންވޭ ހުރިހާ ކެންޑިޑޭޓުންވެސް އެޕްރޮގްރާމްގައި ބައިވެރިކުރައްވަން.“ މޮންދު ވިދާޅުވި އެވެ.
މާދަމާރޭ އޮންނަ ސިޔާސީ ފެންޑާގައި ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވީ އެޕްރޮގްރާމަށް އެރުއްވުމަކީ އަމިއްލަފުޅު ކަމެއް ކަމަށެވެ.
” މައުމޫނު ނޭރުއްވުމާއި އެރުއްވުމުގެ އިޚްތިޔާރު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ. އަޅުގަނޑު އަރާގޮތަށް މިހުރީ ވަގުތުވާވަރުން އެކަން ކުރާނަން.“ ގާސިމް ވިދާޅުވި އެވެ.
އައިޑީޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ވިދާޅުވީ ސިޔާސަތު ޕްރޮގްރާމަށް އެރުއްވުމަށް މައުމޫނު ދެކޮޅު ހެއްދެވުން އެއީ އެމަނިކުފާނުގެ ނާގާބިލްކަން އަންގާދޭ ދަލީލެއް ކަމަށެވެ.
” އަޅުގަނޑު ޕްރޮގްރާމަށް އެރުމުގެ ކުރިން ސުވާލުކުރިން މައުމޫނާ ތި ސުވާލުތައް ކުރައްވަން ކެރިވަޑައިގަންނަވާނެހޭ. އެބޭފުޅުން ވިދާޅުވީ އާއެކޭ. ކުރިންވެސް އެނގޭ އެމަނިކުފާނަށް ކެރިވަޑައި ނުގަންނަވާނެކަން. އެއީ މިޒަމާނުގެ ޑިމޮކްރެސީއާ ކުފޫހަމަވާ ބޭފުޅެއްނޫން. “ އުމަރު ވިދާޅުވި އެވެ.
ޑރ. ހަސަން ސައީދުގެ ކެމްޕޭނުގެ ތަރުޖަމާނު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ”ސިޔާސަތު“ މިހާރު ކުރިއަށް ގެންދަވާ އުސޫލުން އެޕްރޮގްރާމް ކުރިއަށް ގެންދާނަމަ އެޕްރޮގްރާމަށް އެރުއްވުމަށް މައުމޫނު ފަސްޖެހި ވަޑައިގަންނަވާނެ ކަމަށެވެ.
” މިހާރު އެގެންދާގޮތަށް ޝާކިރު އެޕްރޮގްރާމް ކުރިއަށް ގެންދާނަމަ މައުމޫނަކަށް ކެރިވަޑައެއް ނުގަންނަވާނެ. އެހެނެއް ނޫން އެގޮތް ބަދަލުކުރައްވައިފިނަމަ މައުމޫން އެކަން ކުރައްވާނެ.“ ޝަހީދު ވިދާޅުވި އެވެ.
ސޯޝަލް ލިބަރަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް އިސްމާއިލް ވިދާޅުވީ ރައްޔިތުން ބޭނުންވާ މައުލޫމާތު މީޑިއާއަށް ހާމަކުރެއްވުމަކީ ކެންޑިޑޭޓުންގެ ޒިންމާއެއް ކަމަށެވެ.
” ސިޔާސަތު އެކަންޏެއްނޫން. ހުރިހާ ޕްރޮގްރާމަކަށްވެސް މައުލޫމާތު ދެއްވަން ވާނެ. އެޕްރޮގްރާމަށް އެރުއްވުމަށް މައުމޫނު ދެކޮޅު ހައްދަވަނީ އަޅުގަނޑުމެންނާ ސުވާލު ކުރެއްވި ގޮތަށް ސުވާލުކޮށްފިނަމަ ސަލާމަތް ނުވެވޭނެތީ. އެހެން ވެއްޖެނަމަ މައުމޫނުގެ ހާލުކޮޅެއްނޯންނާނެ.“ އިބްރާ ވިދާޅުވި އެވެ.
މިހާތަނަށް އައިއިރު ހަތަރު ކެންޑިޑޭޓެއްވަނީ ސިޔާސަތު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެންފަ އެވެ. އެހަތަރު ބޭފުޅުންނަކީ ޑރ.ހަސަން ސައީދާއި, އިބްރާހިމް އިސްމާއިލާއި, އުމަރު ނަސީރާއި, މުހަންމަދު ނަޝީދ(އަންނި) އެވެ. މިހަތަރު ބޭފުޅުންނާވެސް ކުރައްވާފައިވަނީ އެބޭފުޅުންގެ މާޒީގައި ކުރެއްވި ކަންތައްތަކާއި, ވިދާޅުވެފައި ބަސްފުޅުތަކާ ގުޅުން ހުރި ސުވާލު ތަކެވެ.
http://www.jazeera.com.mv
Filed under: ސިޔާސީ ފެންޑާ | Tagged: mamoon