ގާސިމް ހަތަރު އަބިން ކޮންޓްރޯލް ކުރާ އުސޫލުން ގައުމު ކޮންޓްރޯލް ކުރެވިދާނެ ކަމަށް ދުށުމަކީ ކޮސްގޮވުން

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ހަތަރު އަނބިން ކޮންޓްރޯލް ކުރާ އުސޫލުން ގައުމު ކޮންޓްރޯލް ކުރެވިދާނެ ކަމަށް ދުށުމަކީ ކޮސްގޮވުން ކަމުގައި ޑީއާރްޕީން ބުނެފިއެވެ.

ޑީއާރްޕީ މީޑިޔާ އޮފީހުން ހޯމަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ދިވެހި ގައުމު ނިސްބަތްވަނީ އެންމެ ހަތަރު މީހުންގެ މައްޗަށް ނޫން ކަމަށާއި އެތަކެއް ރަށެއްގެ މައްޗަށް ހިމެނޭ ގައުމެއްގެ ހުރިހާ ޒިންމާތަކެއް ކޮނޑުގައި އަޅުވައިގެން އުޅެން ޖެހުމަކީ ހަތަރު އަބިން ކޮންޓްރޯލް ކުރާހާ ފަސޭހަ ކަމެއްނޫން ކަމަށް ބަޔާން ކޮށްފައިވެއެވެ.

“ޖުމްހޫރީ ގުޅުމާ” އަލަށް ގުޅުނު ޢަދާލަތު ޕާޓީން ބުދަދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި އެޕާޓީގެ އިސްތަރުޖަމާނު އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ “އަޅުގަނޑުމެންގެ މިހުންގާނުގައި ހިފުމަށްޓަކައި ޙަވާލުކުރެވިފައިވާ ބޭފުޅާއެކު އަޅުގަނޑުމެން ކުރިއަށް ދާނަން. އަޅުގަނޑުމެންނަށް ފެންނަފެނުމުގައި އެބޭފުޅާއަކީ ނިކަންމިކަމަށް ޤާބިލް ބޭފުޅެއް. އެބޭފުޅާގެ ޢިޖްތިމައީ ޙަޔާތުންވެސް އެބޭފުޅާވަނީ މިކަން އަޅުގަނޑުމެންނަށް ދައްކަވާފަ. ހަތަރު އަބީން ކޮންޓްރޯލްކުރެވޭ މީހަކު ޤައުމު ކޮންޓްރޯލް ކުރާނެ އިނގޭތޯ. އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް އެންމެ އަންބަކާއެކު މިއުޅެނީ ނޫޅެވިގެން. ޤާސިމް އިބްރާޙީމަކީ ހަތަރު އަނބިން ކޮންޓްރޯލް ކުރާމީހެއް އެހެންވީމާ ޤާސިމަށް ޤައުމު ކޮންޓްރޯލް ކުރެވޭނެ” ކަމުގައެވެ.

މައުމޫނު މީޑިޔާ އޮފީހުން ބުނެފައިވަނީ ދިވެހި ރައްޔިތުންނަކީ މިއަދު ފައިސާ ދީގެން ކޮންޓްރޯލް ކުރެވޭނެ ބައެއް ނޫން ކަމަށާއި ފައިސާ ދީގެން ދިވެހި ރައްޔިތުން ހައްދާލެވިދާނެ ކަމަށް ގަބޫލުކުރުމަކީ ވަރަށް ނާގަބިލް ބޭފުޅުން ގެންގުޅުއްވާ ވިސްނުމެއް ކަމަށެވެ.

މީގެއިތުރަށް އެއޮފީހުން ބުނެފައިވަނީ ގާސިމް އިބްރާހިމަށް އެނގިވަޑައިގަންނަވާނީ ވިޔަފާރި ކުރައްވަން ކަމަށާއި ގައުމު ހިންގޭނެ ގޮތުގެ އެއްވެސް ގާބިލްކަމެއް ނެތް ކަމުގައެވެ. އަދި ގިނަ ގުނަ ވައުދުތަކެއް ރައްޔިތުންނަށް ވަމުންދާއިރު އެވައުދުތަކަކީ މާ ބޮޑު ވައުދުތަކެއް ކަމަށްވުމުން އެއީ ފުއްދޭނެ ވައުދުތަކެއް ނޫން ކަމަށްވެސް ޑީއާރްޕީގެ މީޑިޔާ އޮފީހުން ނެރުނު ނޫސް ބަޔާނުގައިވެއެވެ.

އެނޫސްބަޔާނުގައި ގާސިމް އިބްރާހިމް ދައުލަތުގެ ވަޒީރެއްގެ ހައިސިއްޔަތުން މޯލްޑިވްސް މަނިޓަރީ އެތޯރިޓީއާއި ފިނޭންސް މިނިސްޓްރީ އަދި ބޭންކް އޮފް މޯލްޑިވްސް އޭނާގެ ފުރިހަމަ ކޮންޓްރޯލް ދަށުގައި އޮތްއިރުވެސް ގެނެވުނު ހެޔޮބަދަލެއް ނެތް ކަމަށް ބަޔާން ކޮށްފައިވެއެވެ.

މީގެއިތުރުން އަދާލަތު ޕާޓީއަކީ އިސްލާމްދީން ހިމާޔަތްކުރުމަށް އުފެއްދި ޕާޓީއެއް ނަމަވެސް އެޕާޓީ މިއަދުވަނީ ފައިސާއަށް ވިކި ހުސްވެފައި ކަމަށާއި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހިމާޔަތްކުރުމަށް “މޮޅު” ވާހަކަތަކެއް ދައްކަވަނީ ނުވިކޭކަށް ދެއްކެވުމުގެ ގޮތުން ކަމަށްވެސް އެނޫސްބަޔާނުގައި ބަޔާން ބުނެފައިވެއެވެ. އަދި މިއަދު އެޕާޓީން ދަނީ ކޮސްގޮވަމުން ކަމަށާއި ގާސިމް އިބްރާހިމް ހަތަރު އަނބިން ގެންގުޅުއްވަނީ ކިހިނަކުންކަން އެއީ އެއްވެސް ބަޔަކަށް އޮޅިފައިވާނޭ އެއްޗެއް ނޫންކަމަށާއި މިއަދު އަދާލަތަށް އެކަން އެނގުމުން އެޕާޓީއަށް ހެދުނީ ގޯހެއް ކަމަށް ގަބޫލުކޮށް އެކަމާ މޮޔަހީވާނޭ ކަމަށް ޑީއާރްޕީ މީޑިޔާ އޮފީހުން ވަނީ ބުނެފައެވެ.

އަދާލަތުގެ އެބައްދަލުވުމުގެ ރެކޯޑިންއަކަށް ހަވީރު ނޫހުން އެދުމުން އަދާލަތުން ދީފައިވާ ރިކޯޑިންގައި ޝަހީމުގެ އެވާހަކަ އުނިކޮށްފައިވާކަމަށް ހަވީރު ބުނެއެވެ.

http://www.minivandaily.com

Leave a Reply